އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓަކަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.

އެލްޖީއޭގެ ސީއީއޯ ކަމުން ޒުލްފާ ވަކިކުރެއްވިކަން ”ހަފްތާ“ އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި، މަގާމުން ވަކިކުރެއްވިކަމުގެ މެސެޖު ޒުލްފާއަށް ލިބިވަޑައިގެންނެވީ މިއަދު އެވެ. އެ މެސެޖުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މާދަމާ ވަޒީފާއަށް ނުކުންނަވަން އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލުގެ ބޯޑު މެންބަރެއްގެ ގޮތުގަ އެވެ.

ޒުލްފާ ވަނީ ގާނޫނީ ދާއިރާއިންނާއި ބިޒްނަސް ދާއިރާ އިން ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރައްވައިފަ އެވެ.