އިންޑިއާއަށް ކިއީ އެއްޗެހި ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާތީ ދިފާއުގައި ނުކުންނެވީ ނަޝީދު!

އިންޑިއާގެ މައްސަލައިގައި ސަރުކާރުން ކުރިން ކަންކުރި ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރަނީ ސިޔާސީ ޕޮއިންޓް ހޯއްދަވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެ ކުރިން އިންޑިއާއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ހަނދާންކޮށްދީ އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި ސަރުކާރުން އިންޑިއާ އައުޓޭ ގޮވަމުން ދިއުމަށްފަހު ސަރުކާރަށް ނުވަ މަސްވާއިރު، މިހާރު ގޮވަމުންދަނީ ވެލްކަމް އިންޑިއާ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ނަޝީދު ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ، ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާނަމަ އެކަމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ނޭދޭކަން ކަމަށެވެ.

”ބޭނުން ވަނީ ސިޔާސީ ޕޮއިންޓު ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،“ ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގެންގުޅުނު އިންޑިއާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެގޮތުން އިންޑިއާ އިން ރާއްޖެއަށް ބުލީ ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވި އިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދުބަސް ބުނެ، ފުރައްސާރަ ކުރެއްވި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ.