ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުން ކުރިއަށް، މިހާތަނަށް 1273 މީހުން ވޯޓުލައިފި

މީހަކު ވޯޓުލުމަށް އިނގިލީގައި ނިޝާން ޖަހަނީ --- ހަފްތާ ފޮޓޯ

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރިން ބުނެފައިވާ ގޮތުގައި އެއްވަރު ވެގެން ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފަސް ދާއިރާ އެއްގައެވެ. އެއީ:

  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި
    • އެމްޑީޕީގެ ފަރާތުން: މަހުދިއްޔާ އާދަމް
    • ޕީއެންސީގެ ފަރާތުން: ހައްވާ ފަޒުނާ
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެއް
    • ޕީއެންސީގެ ފަރާތުން: ފާތިމަތު ރިއުޒާ
    • އަމިއްލަ ގޮތުން ވާދަކުރާ: ފާތިމަތު ނިޝާދާ
  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި
    • ޕީއެންސީގެ ފަރާތުން: އާއިޝަތު މުނާ
    • އެމްޑީޕީގެ ފަރާތުން: އާމިނަތު ރަފާހް
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި)
    • ޕީއެންސީގެ ފަރާތުން: އާއިޝަތު އަބްދުލްގާދިރު
    • އަމިއްލަ ގޮތުން ވާދަކުރާ: ޝީޒާ އިބްރާހީމް
  • ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑިއެއް
    • ޕީއެންސީގެ ފަރާތުން: ފާތިމަތު ޝާފިޔާ
    • އެމްޑީޕީގެ ފަރާތުން: މަރްޔަމް މާއިޝާ

އެ ދާއިރާތަކުގެ ވޯޓު ނެގުން މިއަދު ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ މާދަމާ އެވެ.

މި އިންތިހާބުގައި 6093 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އީސީން ބުނީ، މިއަދު ހެނދުނު 10:00 ޖެހުމާހަމައަށް 1273 މީހަކު ވޯޓުލާފައިވާ ކަމަށެވެ. އެއީ މި އިންތިހާބަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 20.89 ޕަސެންޓެވެ. މީގެ ތެރޭގައި ހިމެނެނީ 543 އަންހެނުންނާއި 730 ފިރިހެނުންނެވެ.