ސެޕްޓެމްބަރ 21, 2024

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުވަ ރަށެއްގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ނުވަ ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ވިއްސާރައިގެ ސަބަބުން ރަށްރަށް ލިބެމުންދާ ގެއްލުންތައް ބަލަމުންދާ ކަމަށެވެ.

”ހަވީރު 6 އާ ހަމަޔަށް 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ވަނީ ރިޕޯޓުކޮށްފަ. އެއްވެސް އާއިލާއެއް ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއް އަދި ނެތް“ އެންޑީއެމްއޭއިން ބުންޏެވެ.

ފެންބޮޑުވި ރަށްތަކަކީ އައްޑޫ ސިޓީގެ، މަރަދު، ފޭދޫ، ހިތަދޫ، ގއ. ދެއްވަދޫ، ޅ ނައިފަރު، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށް އަދި ހއ. ދިއްދޫ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ރާއްޖެއަށް މި ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭ 19:00 އިން ފެށިގެން ދަންވަރު 01:00 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓުން ބުނެފައިވަނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.