ބިދޭސީން ހިންގާ ފޯއް ކޮށާ ތަނެއްގެ ހާލަތު، ކޮށި ފޯއްތައް ފާހާނާ ކުރިމަތީ!

ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނެއް ރެއިޑުކޮށް، ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެ ދެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

އެ ގެއަކީ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއްކަމުން އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ ގޭގެ ބައެއް ފޮޓޯތައްވެސް އިމިގްރޭޝަނުން ވަނީ ހިއްސާކޮށްފަ އެވެ.

އޭގެން އެއް ފޮޓޯގައި ފެންނަނީ ކޮށި ފޯއްތައް ބިންމަތީގައި ފުއްޏަކަށް ޖަހާފައިވާ ތަނެވެ. ބެލެވޭ ގޮތުގައި އެއީ އެތަނުގައި ދިރިއުޅޭ މީހުން ނިދަން ބޭނުންކުރާ ތަނެކެވެ.

އަނެއް ފޮޓޯގައި ފެންނަނީ ކޮށި ފޯއްތައް ފާހާނާ ކުރިމަތީގައި އަތުރާފައި ހުރިތަނެވެ. މުޅި އެ ސަރަހައްދު އޮތީ ހަޑިވެ މިލަވެފަ އެވެ. އަދި އެތަނުގެ ކައިރީގައި ހުރި ބޮޑު ޓައްޕަކަށް ފެން އަޅައި، ފޯއްތައް ފޯކުރަން އަޅާފައި ހުރި ފޮޓޯއެއްވެސް ހިއްސާކޮށްފައިވެ އެވެ.