މި މަހުވެސް ރާއްޖޭގެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު ކޮށްދިނުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ, ޑޮލަރުގެ އަގު ދަނީ ހައްތަހާ މައްޗަށް ކަމަށާއި އެކައުންޓުގައި ދިވެހި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރެއް ނުކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ކުދިން މަދަރުސާއަށް ލައިގެން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ގިނަ ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ, ޑޮލަރު ހޯދުމަށް ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ފެއިލް ވެއްޖެ ކަމަށެވެ.
”މި މަހުވެސް ރާއްޖެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމުން. ދެން ރައީސް އެ ވަޑައިގެންނެވީ ޕާކިސްތާނަށް,“ ނަޝީދު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުނު އެދުމަށް އިންޑިއާ އިން ވަނީ ހުއްދަ ދީފަ އެވެ.
އެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޮކްޓޫބަރު 2024ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެވުނު ’ސާކް ގައުމުތަކަށް ހާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ ފްރޭމްވޯކް“ގެ ދަށުން ދިން ފެސިލިޓީއެކެވެ.
އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސް ދިވެހި ސަރުކާރަށް ދޫކުރީ 23 އޭޕްރިލް 2026 ގައެވެ.


