ރައީސް ޑރ. މުހައްމަދު މުއިއްޒު, ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް އޮފީހުން މިއަދު ބުނީ, މި މަހުގެ 20 އިން 22 އަށް ރައީސް, ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު, މުހައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް, ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި, ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި, ރަސްމީ ވާހަކަފުޅުތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ”އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ“ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި, އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާޢި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ބުންޏެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 26 ޖުލައި 1966 ގައެވެ.


