ޕެންޝަން ފައިސާގެ ގޮތުގައި 100 މިލިއަން ނުލިބި, އަހަރެއް ތެރޭ އަނބުރާ ހޯދަނީ

ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ---

ޕެންޝަން ފައިސާ ދައްކަން ޖެހޭނެ ކަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށާއި ކުރިއަށް އޮތް އަހަރެއް ތެރޭ އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ ”ތްރީ ޖެނެރޭޝަން ވޯކް“ (3ޖެން ވޯކް) ހަރަކާތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ, ޕެންޝަން އޮފީހުގެ ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ 30 ބިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ދެގުނަކޮށް, 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށްޓަކައި ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައިގެން ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޔަޒްމީދު އިތުރަށް ވިދާޅުވީ, ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން، ސްކީމުގައި ބައިވެރިނުވެ ތިބި ކަމަށާއި އެ ފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ.