ކްރެޑިޓް ރޭޓިންގައި ލިބުނު ކާމިޔާބީ ތަކާއެކު ކުރިއަށް ފެންނަނީ ވަރަށް އަލި ދުވަސްތަކެއް: ޒަރީރު

ފިނޭންސް މިނިސްޓަރު ޒަރީރު ---

ކްރެޑިޓް ރޭޓިންގައި ރާއްޖެއަށް ލިބުނު ކާމިޔާބީތަކާއެކު ކުރިއަށް ފެންނަނީ ވަރަށް އަލި ދުވަސްތަކެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީ, މޫޑީޒް އިން މި މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ’ސީއޭއޭ 2‘ އިން ’ސީއޭއޭ 1‘ އަށް އަދި އިގުތިސާދީ އައުޓްލުކް ’ސްޓޭބަލް‘ އަށް މަތިކޮށްފަ އެވެ.

ކްރެޑިޓް ރޭޓިން މަތިކުރުމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކައި, މާލީ ރައްކާތެރިކަން ކަށަވަރުކުރަން އެޅި ފިޔަވަޅުތަކާއެކު ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑު ތަނުން ކުޑަވުމެވެ.

ރައީސްގެ އޮފީހާއި ދައުލަތުގެ ޓީވީ, ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ’އަހާ‘ ފޯރަމްގައި ރޭ ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ, މި ސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި 1.142 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދެއްކީ މި އަހަރު ކަމަށެވެ. އަދި އެ ކާމިޔާބީ އާއެކު ކުރިއަށް އޮތް ތަނުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ, މި އަހަރު ފަށައިގަތީ ވަރަށް ރަނގަޅު އަހަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވި ކަމަށެވެ.

ނަމަވެސް މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށާއި ދުނިޔޭގެ ލޮޖިސްޓިކްސް އާއި ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ސަބްސިޑީޒް ދިނުމަށް މި އަހަރުގެ ބަޖެޓުގައި 2.9 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ހިފެހެއްޓުމަށް ސަބްސިޑީޒްގެ ގޮތުގައި ދެއްކި އަދަދު އިތުރުވެ, 4.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

އެ ގޮންޖެހުންތަކާއެކު ވެސް އިގުތިސާދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތަށް އަލިމަގުތަކެއް ފެންނަން ފަށާފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ދާދި މި ދާކަށް ދުވަހު އިވިގެން ހިނގައްޖެ ދައުލަތުގެ ކްރެޑިޓިޓް ރޭޓިން އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރު އިމްޕްރޫވްމެންޓްތަކެއް އައި އައިކަން. އާދެ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރާ އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް، ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ފާހަގަކުރާ އެޗީވްމެންޓެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރެވިގެންދިޔައީ. އެހެންވީމާ، އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އަލި ދުވަސްތަކެއް,“ ޒަރީރު ވިދާޅުވި އެވެ.