ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބޭންކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭގެ ގަވައިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރަސްމީ ހަރުގޭގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ބައެއް ނިންމުންތަކުގެ ތަފުސީލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މަޝްވަރާ އާއެކު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތަކަށް ގަވަރުނަރު ބައެއް ބަދަލުތައް ގެންނަވާނެ ކަމަށެވެ.
”އެމްއެމްއޭގެ ދެތިން ރެގިއުލޭޝަނެއް ބަދަލުކުރާނެ ކުރިއަށް އޮތް ދުވަސްތަކުގައި. އެއީ އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި އަދި މަނީޗޭންޖަސް ރެގިއުލޭޝަން. ރާއްޖޭގައި މި ހިންގާ ވަރަށް ގިނައިން ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވަރަށް ގިނަ ވިޔަފާރިތައް އެބަ ހިންގާ. މި ފައިސާ ބްލެކްމާކެޓުގައި މިހާރު މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރުކުރަން މަޖުބޫރުވާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އަންނަ އެކިކަހަލަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އަދި ބިޒްނަސް ފްރޮފިޓް ޓެކްސްގެ އެމްއެމްއޭގައި އޮންނަ ގަވާއިދު ވެސް ބަދަލުކުރާނެ ކަމަށެވެ.
”ގިނައިން ބޭރު މީހުން މަނީ އެކްސްޗޭންޖުތައް ހިންގަނީ ވެސް، މި ތަންތަނުން މި ދެންނެވި ބަދަލުތައް ގެނައީމާ ބޭންކުން އިއުލާންކުރާ ބޭންޑުތަކަށްވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭ ނަމަ، ރައްޔިތުން އެތަންތަނަށް ނުދިޔައީމަ ނިމުނީ. އެއަށްވުރެ މާ ރަނގަޅަށް ރެގިއުލޭޓްވެގެން އޭރުން ޑޮލަރު ލިބޭނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްއެމްއޭގެ ގަވައިދުތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ވަރަށް ގިނަ މީހުން ރުޅި އަތުވެދާނެ ކަމަށާއި ނަމަވެސް އެ މަނިކުފާނު ހުންނެވީ ”ރައްޔިތުންގެ ފަޅީގައި“ ކަމަށެވެ. އަދި މި ނިންމުންތަކުގެ ފައިދާކުރަން ވަގުތު ނަގާނެ ކަމަށާއި އެކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
5 Comments
ގުޅުންހުރި
ރައީސް ގެންދަނީ ހުދުމުހުތާރު ނުވެ ވެރިކަން ކުރެވޭނެކަން ސާބިތު ކޮށްދެމުން: ޕީއެންސީ
ގައުމީ މައްސަލަތަކަށް ތެދުބަހުން ވާހަކަދެއްކެމުގައި ރައީސް ގެންދަނީ ނަމޫނާ ދައްކަމުން: ޕީއެންސީ
ރާއްޖޭގެ ސުކޫކް ޑިފޯލްޓްވުމުން ސަލާމަތްކޮށްދޭނަން: އިންޑިއާގެ އޮފިޝަލުން
ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް
ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިއްޖެ: އެމްޕީއެލް
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ގަވާއިދު