ނޮވެމްބަރ 22, 2024

އެމްޑަބްލިޔުއެސްސީ އިން ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރެން ފަށައިފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން، ކަރަންޓް ވަޔަރު ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދައި ބާޒާރަށް ނެރެފި އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ ލޯކަލް ގަވާމަންޓް އާދަމް ޝަރީފު އުމަރާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެމްޑަބްލިޔުއެސްސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާ އިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފަ އެވެ.

އެގޮތުން ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރާއި 20 މިލިމީޓަރާއި 25 މިލިމީޓަރާއި 32 މިލިމީޓަރުގެ އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެ އެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާއަކީ އައިއެސްއޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާ އެކެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ހާޑްވެއާ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ އަދި ރާއްޖޭގެ އިގުތިސާދަށް މިކަމުގެ ހެޔޮ އަސަރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާއާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖުތަމައު އަށް ފޯރުކޮށްދިނުން ކަމަށެވެ.