ނޮވެމްބަރ 25, 2024

ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅު އަޅަން ގާނޫނު އިސްލާހު ކުރަން އަންގައިފި

ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައިއައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓް ހިންގިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށްވެސް ބުންޏެވެ. އެނގިފައިވާ ގޮތުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ

އެ އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ކާރު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ޒުވާނެކެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ކާރުގައި އިތުރު މީހަކު އިން ކަމެއް ފުލުހުން ނުބުނެ އެވެ.

ޒުވާނަކު މަރުވި އެ އެކްސިޑެންޓާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

”މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި“ ރައީސް ވިދާޅުވި އެވެ.

ހަފުތާ ބަންދުގައި ހުޅުމާލެއާއި ހުޅުމާލެ ފޭސް ދޭއްގައި ބާރު ސްޕީޑުގައި ސްޕޯޓްސް ކާރުތައް ދުއްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ މީހުން ފުލުހުންނަށާއި އެޗްޑީސީއަށް އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ ކުރިން ހުޅުމާލޭ 2 ގައި ވެސް ސްޕޯޓްސް ކާރަކުން ޖެހި ސައިކަލެއްގައި އިން މީހަކަށް ވަރަށް ބޮޑަަށް އަނިޔާވި އެވެ.

3 Comments

Leave a Reply