ސެޕްޓެމްބަރ 21, 2024

ފެނަކަ ޑީއެމްޑީގެ މަގާމުން ވަކިކުރި ނާއިފް ވެމްކޯގެ ޑީއެމްޑީ ކަމަށް

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުން ވަކިކުރި އިބްރާހިމް ނާއިފު، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޑީއެމްޑީގެ މަގާމަށް ހަމަޖައްސައިފި އެވެ.

ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފު ހަމަޖެއްސިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް ވެމްކޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވަނީ ނާއިފު އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް މަރުހަބާ ކިޔައިފަ އެވެ.

ފެނަކައިގެ ޑީއެމްޑީގެ މަގާމުން ނާއިފު ވަކިކުރީ 8 އޮގަސްޓް 2024 ގައެވެ. އޭނާ އާއެކު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރާއި ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި އަހުމަދު އީހާބު ވެސް އެ ދުވަހު ވަކިކުރި އެވެ.

އެ ތިން މެމްބަރުން ބޯޑުން ވަކިކުރި ސަބަބެއް ޕީސީބީ އިން އަދިވެސް ނުބުނެ އެވެ.

ލ. ފޮނަދޫއަށް އުފަން ނާއިފަކީ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމްގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކެމްޕޭން ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.