އީރާނަށް ތާއީދުކުރުމުން ކެއިސޫކޭ ހޮންޑާ އާއެކު ވެފައިވާ އިސްތިހާރު އެއްބަސްވުން އުވާލައިފި

ޖަޕާނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެއިސުކޭ ހޮންޑާ، އިރާންގެ ގައުމީ ޓީމަށް ތާއީދުކުރުމާއި ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން އޭނާ އާއެކު ހަދާފައިވާ އިޝްތިހާރު އެއްބަސްވުން އުވާލައިފި އެވެ.

ސްޕޮންސަރުގެ ނަން ހާމަނުކޮށް ހޮންޑާ ހޮނިހިރު ދުވަހު ބުނީ، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މި އަހަރު ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕުގައި އީރާނުން ބައިވެރިވާން ބޭނުންވާނަމަ އެ ފުރުސަތު އެ ޓީމަށް އޮންނަންވާނެ ކަމަށް ބުނެ އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން އޭނާ އާއެކު ހަދާފައިވާ އިސްތިހާރެއްގެ މަސައްކަތް ކުރިއަށް ނުގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި ކަންކަމުގެ އަސްލު ހަގީގަތަށް ބެލުމެއް ނެތި، ފާސިދު ނުބައި ވިސްނުމެއްގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމާ ކުންފުނިތަކާއެކު އެއްވެސް ގުޅުމެއް ބާއްވަން އޭނާ ދެން ބޭނުންނުވާ ކަމަށް ވެސް ހޮންޑާ ވަނީ ބުނެފަ އެވެ.

”މިއީ ވަރަށް ނާޒުކު މައްސަލައެއްކަން އަހަންނަށް އެނގޭ، އަޅުގަނޑު އަމިއްލަ ވިސްނުމެއް އީރާން ވޯލްޑް ކަޕްގައި ބައިވެރިވުން،“ އުމުރުން 39 އަހަރުގެ ހޮންޑާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

2008 އިން 2018 އަށް ޖަޕާންގެ ގައުމީ ޓީމަށް ކުޅެ، އެ ގައުމަށް 38 ލަނޑު ޖަހައިދީފައިވާ ކެއިސޫކޭ ހޮންޑާ އޭނާގެ އަމިއްލަ ވިސްނުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި މިވަނީ، އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އީރާނަށް ވޯލްޑް ކަޕްގައި ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެފައި ވަނިކޮށެވެ.