އޮކްޓޯބަރ 14, 2024

ބޭރުފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދައިފި

މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތައް ބޮޑުކޮށް، ބޭރުފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ”މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދު“ ހަދައި އާންމުކޮށްފިއެވެ.

އެމްއެމްއޭއިން މިރޭ އާންމުކުރި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ބޭރު ފައިސާ މާރުކުރުމަށް ދެ ޓިއާއެއްގެ ދަށުން ލައިސަންސް ދޫކުރާނެ އެވެ. އެގޮތުން ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ. އަދި ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް އެވެ.

އެ ގަވާއިދުގައިވާ ގޮތުން ޓިއަ 1 ގެ ދަށުން ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށް އެކަންޏެވެ. ގަވާއިދުގައި ބަޔާންކޮށްފައިވަނީ އެ ކުންފުނީގެ ވެރިފަރާތަަކަށް ވާން ޖެހޭނީ ދިވެހިން ކަމަށާއި އެ ކުންފުނީގައި މަސައްކަތް ކުރަންޖެހޭނީ ވެސް ހަމައެކަނި ދިވެހިން ކަމަށެވެ.

ޓިއަ 1 ގެ ދަށުން ލައިސަންސް ދެނީ ފަސް އަހަރުގެ މުއްދަތަށް ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ޓިއަ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000ރ. ދައްކަން ޖެހެ އެވެ. ލައިސަންސް އަހަރީ ފީގެ ގޮތުގައި 24،000ރ. ދައްކަން ޖެހެ އެވެ. ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެ އަށް ޖެހޭ ބޭރު ފައިސާގެ އަދަދަކަށް ވާން ޖެހޭނެ ކަމަށް އެ ގަވައިދުގައި ވެ އެވެ.

ގަވާއިދުގައި ދެން ބަޔާންކޮށްފައިވާ ޓިއަ 2 އަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކެވެ. ޓިއަ 2 ގެ ދަށުން ލައިސެންސް އެޕްލިކޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1،300 ޑޮލަރެވެ. އަދި ލައިސެންސް އަހަރީ ފީގެ ގޮތުގައި 1،800 ޑޮލަރެވެ.

ޓިއަ 2ގައި ހިމެނޭ ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށް ނުވަތަ ޓިއަ 1 ގައި ހިމެނޭ ފަރާތަކާ އެކު އެވެ. ލައިސެންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.

އަލަށް އަމަލު ކުރަން ފެށި ގަވައިދާ އެކު، އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރު އެކުލަވައިލާފައިވާ ”މަނީ ޗޭންޖާ ކަމުގެ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންކަން ކުރަންވީ ގަވައިދު“ ވަނީ މިހާރު އުވާލައިފަ އެވެ.