ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް އެދުނު ގޮތަށް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން އޭނާ ގަތް ދެ އެޕާޓްމެންޓް ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދިނުމަށްފަހު، އެ ނިންމުން ބަދަލުކޮށް ފަހުގެ އިންޒާރު ފުލުހުން ދީފި އެވެ.
އެފްއޭއެމްގެ ފައިސާ އިން ގަނެފައިވާ ކަމަށް ތުހުމަތުކުރާ އެ އެޕާޓްމަންޓް އިއްޔެގެ ކުރިން ފުލުހުންނާ ހަވާލުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ފުލުހުންނަށް ފޮނުވި ސިޓީއެއްގައި އެޕާޓްމެންޓްތައް ހަވާލުކޮށްފިނަމަ އޭނާ ދަރިންނާއެކު ވަންނާނެ އިތުރު އެހެން ތަނެއް ނުހުންނާނެތީ، އެޕާޓްމެންޓް ހަވާލުކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ފަސްކޮށް ދިނުމަށް ބައްސާމް އެދުނެވެ.
އެހެންވެ ފުލުހުން ނިންމީ ބައްސާމްގެ ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދިނުމަށެވެ.
ފުރުސަތު ދިން ގޮތާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ އެޕާޓްމަންޓުތައް ފުލުހުންނާ ހަވާލުކުރުމުގެ ކޯޓު އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށާއި އެޕާޓްމަންޓުތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދީން ވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ، ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަން ކަމަށް ބަލައިފައިވާނެ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ އެޕާޓްމަންޓު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 10:58 އިން ފެށިގެން 136 ގަޑިއިރުގެ ތެރޭގައި ހުސްކޮށްދޭން ބައްސާމަށް އެދުމުން، އިތުރު މުއްދަތެއް ހޯދުމަށް އެދި އޭނާ އެދިފައިވާ ކަމަށާއި އޭރު އެދިފައިވާ ގޮތަށް އިއްޔެ 12:00 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ. ބައްސާމް އޭގެ ފަހުން އެދިފައިވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ.
”ދެންނެވުނު އެންގުމާ ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން 2024 އޮކްޓޯބަރު 04 ވަނަ ދުވަހު އެދިފައިވާތީ، މި ހިދުމަތުން އިތުރަށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މި ހިދުމަތުން ވަނީ ނިންމައިފައެވެ..،“ ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ ދެ އެޕާޓްމަންޓު ހުސްކޮށް ހަވާލުކުރުމުގެ ކަންކަން އެ ހިދުމަތުން ކުރިއަށްގެންދާނެ ކަމަށާއި މިރޭ 12:00 އާ ހަމައަށް އެޕާޓްމަންޓު ހަވާލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެޕާޓްމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ގުޅުންހުރި
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަލީތަކުރުފާނު ހޯދަނީ
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު
130 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލި ޝަހީބު ކޯޓަށް ހާޒިރުނުވާތީ
ގަވާއިދާހިލާފަށް ސިނގިރޭޓް ވިއްކަމުންދިޔަ ބިދޭސީއަތު އަތުލައިގެންފި، އޭނާގެ އަތުގައި ބައިލައަކަ ރުފިޔާ!
މާލޭން ވަގަށް ނެގި 90 ސައިކަލާއި 19 ފޯނެއް ފުލުހުން ހޯދައިފި
ނަމާދުކުރާ މީހުން ވައްކަމާއި ރިޝްވަތާއި ދޮގުހެދުން ފަދަ ފާހިޝް ކަންކަމުނުން ދުރުހެލިވާނެ: