ރާއްޖެ މަތީގައި ބޯ ވިއްސާރަ ވިލާތައް ދަނީ އުފެދެމުން ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެފި އެވެ.
މެޓުން މިއަދު އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި ހުޅުލެއަށް މިއަދު ފަތިހު އައި ވިލާގަނޑުގައި ގަޑިއަކު 58 މޭލު ބާރުމިނުގައިވަނީ ވައި ޖެހިފައެވެ.
ހުޅުލެއަށް އެންމެ ވައިބާރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ ނޮވެމްބަރު 3، 1978 ގަ އެވެ. އެއީ 71.3 މޭލުގެ ބާރުމިނުގަ އެވެ.
ރޭ ދަންވަރު 12:00 އިން ރޭ ދަންވަރު 12:00 އަށް އެންމެ ވައިބާރުވީ ބ. ދަރަވަންދުއަށެވެ. އެ ރަށަށް ވަނީ ވިލާގަނޑުގައި 55 މޭލަށް ވައިޖެހިފައި ކަމަށާއި ދެން އެންމެ ވައިބާރުވި ހދ. ކުޅުދުއްފުއްޓަށް ވަނީ 47 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށް މެޓުން ބުންޏެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ކަމަށް ރެކޯޑު ކުރެވުނީ މެއި 29، 1991 ގައެވެ. އެފަހަރު ސ. ގަމަށް ވިލާގަނޑުގައި ގަޑިއަކު 103.5 މޭލަށް ވައިގަދަވިއެވެ.
މެޓުން ބުނީ ހުޅަނގު ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށެވެ.
އެގޮތުން މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ރީނދޫ ސަމާލު އަދި ދެކުނަށް ހުދު ސަމާލު މެޓުން ވަނީ ނެރެފަ އެވެ.
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގުޅުންހުރި
ފުލުހުންގެ އިލްތިމާސް: ބުރިޖުން ދަތުރުކުރާއި ކުޑަ ނުނެގުން، ފަސޭހައިން ހަލާކުވާ ކޯޓު
ހުޅަނގުގެ ބާރުގަދަވެ، ރާއްޖޭއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެއްދިއްޖެ
ވިއްސާރާގައި 77 ގެއަކަށް ގެއްލުންވި މާލޭގެ ގެތަކަށް 800،00 ރުފިޔާގެ ގެއްލުން!
ވިއްސާރައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް މަތިކޮށްފި
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުވަ ރަށެއްގައި ފެންބޮޑުވެއްޖެ
މޫސުން ގޯސްވުމުން ދިރާސީ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކުރަން