މަސްލަހަތެއް ނެތް ނަމަ، ހަނު ހުންނާށެވެ. އަނގަދަ ނުކޮށް ބޭކާރު ވާހަކަތައް ނުދައްކާށެވެ.

މާތް ﷲ تَعَالَىއާއި އެކަލާނގެ ރަސޫލާވެސް މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރެ، އަނގަގަދަ ނުކުރުމަށް ކަމަށާއި ބުއްދިވެރި ގޮތަކީ މަސްލަހަތެއް ނެތް ނަމަ، ހަނުހުރެ، ބޭކާރު ވާހަކަތައް ނުދެއްކުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

’ހަނުހުރުމުގެ އަހުލާގު‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށެވެ. އަދި ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިތާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށާއި ފަހެ އޭނާ ބާތިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އޭނާ ބާތިލު ވާހަކަދައްކަން ފަށައިފި ނަމަ ޝައިތާނާ އޭނާ އަތްއަތަށް ދަމާން ފަށައި، އެކަލޭގެ އެދޭ ގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެ ކަމަށެވެ. އަދި އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށްވެސް ބުންޏެވެ.

އެހެންވެ ކައުރަސޫލާ ހަދީޡްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ.  އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ.“

މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވެ، އަމަލު ގިނަކޮށް ބަސް މަދުކުރާ މީހެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފުސަށާއި އޭނާގެ މުޖުތަމައަށާއި އޭނާގެ ވަތަނަށް ފައިދާ ހުރި ކަންކަމުގައި ކަމަށެވެ. އަދި ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ކަމަށާއި ރިވެތި ބަހުން މީހުންނާ މުހާތަބުކޮށް މުއާމަލާތުކުރާ މީހާއަށް ﷲގެ ހަޒުރަތުގައި މަތިވެރި މަގާމެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.