މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި އެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތް ހައުސްގެ ޑިރެކްޓަރު ޖެނެރަލް އައްޝައިހް އިއްޒައްދީން އަދުނާން އެވެ. އޭނާއަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމު ހިމެނެ އެވެ.
އައުގާފް އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮސްފައިވަނީ ޔާމީން އިދްރީސް އެވެ. އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމުގައެވެ.
ބޯޑު މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ބޭފުޅުންނަކީ:
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ހުސެއިން ޝާމް އާދަމް
- އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު
- މަރިޔަމް ނިހާޔަތު
- އިސްލާމިކް މިނިސްޓްރީގެ ފަންޑް މެނޭޖަރު އަބްދުﷲ އަލީ
- މުހައްމަދު ހިލްމީ
އައުގާފް އިންވެސްޓްމަންޓުގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދީ 12 ސެޕްޓެމްބަރު 2026 ގައެވެ.
އެ ކުންފުނި އުފެއްދީ ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަފުފުތައް ބިނާކުރުމާއި އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމާއި އާބާތުރަ ފިލުވުމާއި މިސްކިތްތަކަށް ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމަށެވެ.
އޭގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ހިންގަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ.


