2026ގެ ކުރިން ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުގައި ތެޔޮ ވިއްކަން ފިއުލް ސްޓޯރޭޖު ހަދަނީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުމަށް ހާއްސަ މަޝްރޫއުއެއް އިފުތިތާހުކޮށްފި އެވެ.

އެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެ މަޝްރޫއުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކޮށް މަސްވެރިންނާއި އަންމު ރައްޔިތުންނަށް އެ ކުންފުނިން ތެޔޮ ވިއްކާ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމުކުރުން ކަމަށެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން މި އަހަރުގެ ޖަނަވަރީ މަހު ހުޅުމާލޭގައި ސެޓަޕް ގާއިމުކޮށްފަ އެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފްއެސްއެމް ޝެޑުން އެސްޓީއޯގެ ރޭޓުގައި މިހާރުވެސް ދަނީ ތެޔޮ ވިއްކަމުންނެވެ.

ޝިމާދު ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 2025 އަންނަންވާއިރަށް އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ގާއިމުކުރާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ފަސް ރަށެއްގައި އަދި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 10 ރަށެއްގައި ފިއުލް ސެޓަޕް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރުގެ ކުރިން ފިއުލް ސެޓަޕް ހަދާ ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ފ. ނިލަންދޫ
  • ގދ. ފަރެސްމާތޮޑާ
  • ފުވައްމުލައް ސިޓީ

2026 ވަނަ އަހަރުގެ ފެބްރުއަރީގެ ކުރިން ފިއުލް ސެޓަޕް ހަދާ ރަށްތައް:

  • ށ. މިލަންދޫ
  • ނ. މަނަދޫ
  • ބ. ތުޅާދޫ
  • ވ. ފެލިދޫ
  • ތ. ހިރިލަންދޫ
  • ރ. ދުވާފަރު
  • އއ. މަތިވެރި
  • މ. މުލައް
  • ދ. ކުޑަހުވަދޫ
  • ލ. ގަން