ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލަނީ

ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލައި އެ ދެ މުއައްސަސާގެ ވެލްފެއާ ސްކީމް ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ”ދައުލަތުގެ ޕޮޒިޝަން ރިޕޯޓް 2025“ ގައި ބަޔާންކޮށްފައިވަނީ ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމު މިހާރު އޮތް ގޮތުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. ފިނޭންސުން ބުނީ ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ހަމައެކަނި މިއަހަރު ވެސް 322 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ ވެލްފެއާ ސްކީމުގެ ބަޖެޓުގައި ލިމިޓެއް ނޯންނަކަން ފާހަގަކޮށް ފިނޭންސުން ބުނީ ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްތައް ވެސް ސްކީމުގެ ތެރެއިން ލިބެން ހުންނަ ކަމަށެވެ.

އެހެންވެސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު އޮންނަ ސްކީމުގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އަދި ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށް ފަހު އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ އެ ބަދަލު އަންނަ އަހަރު ކުރީ ކޮޅު ގެންނަން ވަނީ ނިންމައިފައިވާ ކަމަށެވެ.