ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ތ. ގުރައިދޫއަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއް ރަށަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީވެސް އެ ރަށަށެވެ.
އެ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ނެތަސް އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިކަން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް މިނިސްޓްރީއަކުންވެސް އެމްޓީސީސީއަކުންވެސް ނުދެ އެވެ.
ތ. ގުރައިދޫގައި އެއާޕޯޓަށް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރި އިރު، އެ ރަށާ އެއް ފަޅެއްގައި އޮންނަ ތ. ތިމަރަފުށީގައި މިހާރުވެސް އެއާޕޯޓެއް އޮވެ އެވެ.



