އަންނަ އަހަރުގެ ތެރޭގައި ގުޅިފަޅު، ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކައި ނިންމައި އެ ތަންތަނުން ދޫކޮށްފައި ހުރި ގޯތިތައް ހަވާލުކޮށް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ތިން ތަން ހިއްކަން ފެށީ މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަައި ފެށި ބިންވެރިޔާ ސްކީމުގެ ތެރެއިންނެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ސަރުކާރުގެ ކާމިޔާބީތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރު ނިމުނުއިރު ގުޅިފަޅުން ހިއްކައި ނިމިފައި އޮތީ 44 ޕަސެންޓް ކަމަށާއި މި ސަރުކާރު ވެރިކަމާއި ހަވާލުވެ، އޭރު ހިއްކަން ހަމަޖެހިފައި އޮތް ސަރަހައްދު މިހާރު އެއްކޮށް ހިއްކައި ނިންމާފައިވާ ކަމަށެވެ.
އަދި މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އެ ފަޅުގެ އެންމެ ފުން ސަރަހައްދާއެކު ހިއްކުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް އަންނަ އަހަރު މުޅި ގުޅިފަޅު އެއްކޮށް ހިއްކައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރު، ހުޅުމާލެ ފޭސް 3ގެ 17 ޕަސެންޓް ހިއްކާފައި އޮތް ކަމަށާއި މިހާރު 38 ޕަސެންޓް ހިއްކައި ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބާކީ އޮތް ބިން ހިއްކައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ގިރާވަރުފަޅުގެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެ ފަޅުގެ 19 ޕަސެންޓް ހިއްކާފައި އޮތްއިރު، މި ސަރުކާރު ހަވާލުވެ އެ ތަނުގެ 33 ޕަސެންޓް ހިއްކައި ނިންމާފައިވާ ކަމަށެވެ.
”މި މަޝްރޫއުގައި (ގިރާވަރުފަޅު ހިއްކުމުގައި) އޮތީ ބޭރުގެ ފަރާތްތަކަށް ވަރަށް ބައިވަރު ބިންތައް ލިބޭ ގޮތަށް ހަދާފައި. ވަރަށް ގަޑުބަޑު ގޮތަކަށް އެގްރިމެންޓް ހަދާފަ އޮތީ. އޭގެ ތެރެއިން ނުކުންނަން މި މަސައްކަތް ކުރަނީ. ނުކުމެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެންމެ ކުޑަ ހަރަދަކުން އެތަން ހިއްކާ ނިންމަން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ތިން ތަން ހިއްކައި ނިމުމުން ކުރީގެ ސަރުކާރުން ކަނޑުންނާއި ފަޅުން ދީފައި ހުރި ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

4 Comments
ގުޅުންހުރި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ