މަޖިލިސް މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް ގެނައި އިސްލާހުން ރައްޔިތުންގެ ބާރު ގެއްލޭ: ޑީޑީ
ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބާރު ގެއްލޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޑީޑީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުގައި ”އެންޓި ޑިފެކްޝަން“އާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ ނައްސުތަކަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ”ރައްޔިތުންގެ ބާރު“ ނުވަތަ“ ނުވަތަ ”ރައްޔިތުންގެ ސިޔާދަތު“ ގެއްލޭގޮތަށް ފަރުމާކުރެވިފައިވާ ނައްސުތަކެއް ކަމަށެވެ.
”ރައްޔިތުންގެ ސިޔާދަތުގެ މަބްދައަކީ ހަގީގަތުގައި އެ މަބްދައާ ހިލާފަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ ”ސޫޕްރާ ކޮންސްޓިޓިއުޝަނަލް“ ޕްރިންސިޕަލް އެއްކަމުން، އެ މަބްދައާ ތައާރުޒުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްސަކީ އެއަށް ”ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ“ ލިބިގެންވާ ނައްސެއްކަމުގައި ނުބެލެވޭނެއެވެ؛“ ޑީޑީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބައެއް މަލްޓި ޕާޓީ ސިސްޓަމްތަކުގައި ”ފްލޯ ކްރޮސިން“ މަނާކުރުމުގެ ގޮތުން ގާނޫނުތަކެއް ހެދިފައިވި ނަމަވެސް، އެންޓި ޑިފެކްޝަން ގާނޫނުތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތައް ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ.
އަދި އެންޓި ޑިފެކްޝަން ގާނޫނު ތަތްބީގުކުރާ ބައެއް ނިޒާމުތަކަކަކީ ”ބަރްލަމާނީ“ ނުވަތަ ”ސެމީ ބަރްލަމާނީ“ ނިޒާމުތަކަކަށްވާއިރު، އޭގެ މައިގަނޑު މަގުސަދަކީ، އެފަދަ ނިޒާމުތަކުގައި ޕާލަމެންޓްރީ މެޖޯރިޓީ ގެއްލުމުގެ ސަބަބުން ސަރުކާރުގެ ދެމިއޮތުމަށް ހުރަސްއެޅިގެންދާތީ އެކަމަށް ހައްލު ހޯދުން ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ފަދަ ރިޔާސީ ނިޒާމެއްގައި ސަރުކާރު އުފަންވަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ވުޖޫދާއި އަދި ދެމިއޮތުމާއި ދެމެދު އޮންނަންޖެހޭ އެއްވެސް ދުސްތޫރީ ގުޅުމެއް ނެތްއިރު، ދިވެހިރާއްޖޭގައި ”އެންޓި ޑިފެކްޝަން“ގެ އުސޫލުތަކެއް ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހާ ގާނޫނުއަސާސީން މަތިކޮށްފައިވާ އިހުތިސާސްތައް ފުރިހަމައަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް، އެ މަޖިލިސް ”ޑިސްފަންކްޝަނަލް“ ބާރަކަށް ބަދަލުވެގެން ދިއުމުގެ އިހުތިމާލު ވަރަށްވެސް ބޮޑެވެ.،“ ޑީޑީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ”އެބްނޯމަލް“ އިޖްރާއާތު ތަކެއްގެ ދަށުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަކީ ތަހްޒީބު މުޖުތަމައެއްގައި ކަން ހިނގައިގެންވާނެ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިސްލާހު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ބެސްޓް ޕްރެކްޓިސްއަށް ތަބާވުމަކާއި ނުލައި، އެއްދުވަސް ތެރޭގައި އިސްލާހު ހުށަހަޅައި، އިސްލާހަށް ބަހުސްކޮށް، އިސްލާހު ފާސްކޮށްފައިވަނީ ”ނޭދެވޭ ނުފޫޒުގައި ޖެހުން ފިޔަވައި އެހެން އެއްވެސް ޒަރޫރަތެއް އޮވެގެން ކަމަކަށް ގަބޫލުނުކުރެވޭ.“ ކަމަށެވެ.
ޑީޑީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރިއްޔާގައި ”ޑައިރެކްޓް ޑިމޮކްރަސީ“ އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން ”ރިކޯލް ރެފްރެންޑަމް“ ތައާރަފުކޮށް އިންތިހާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މުހިންމުކަން މިހާރު އިތުރުވެފައިވާ ކަމަށެވެ.

ގުޅުންހުރި
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު