ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު އޮސްޓްރޭލިއާ އިން ދިން މަނަވަރު ރާއްޖެ ގެނެސްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ---

ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، އޮސްޓްރޭލިއާ އިން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު، ރާއްޖެއަށް ގެނެސްފި އެވެ.

”އިމާދުއްދީން“ގެ ނަން ދީފައިވާ އެ މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކުރީ، މިދިޔަ އޭޕްރީލް މަހުގެ 19ގައެވެ.

މި އުޅަނދު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއ އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑޭވިޑް ޖެސަޕް އެވެ.

މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު އެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓާ ސެލިއުޓެއް ދިނެވެ. މި އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް ހިލްމީއާއި އޮސްޓްރޭލިއާ ހައި ކޮމިޝަނަރު ވަނީ މަރުހަބާ ދަންނަވައި އުޅަނދު ބައްލަވާލައްވައިފަ އެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މި މަނަވަރަކީ އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ މަނަވަރެކެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ، މި މަނަވަރު ކޮމިޝަންކޮށް، ރަސްމީކޮށް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އަދި މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ހިންގާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.