ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުންގެ ކޮމްޕިއުޓަރަށް ސޮފްޓްވެއާ އަޅައިގެން އެ ސިސްޓަމްތަކުން ކުރާ ހުރިހާ މުއާމަލާތަކާއި ބޭނުންކުރާ ޕާސްވޯޑްތައްވެސް އެނގޭ ގޮތަށް ޖާސޫސްކުރަމުން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މުވައްޒަފުންނަށް ޖާސޫސް ކުރަމުންދާ މައްސަލައާ ގުޅިގެން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ނަމަވެސް އޭނާގެ މައްޗަށް އެކަން ސާބިތުވެފައެއް ނުވެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނާސިހު ވިދާޅުވީ މުވައްޒަފުންނަށް ޖާސޫސްކުރި މައްސަލަ ފެންމަތިވުމުން އެ މައްސަލަ ކޮމިޝަނުން އިތުރަށް ބަލައިފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބެލިއިރު ތުހުމަތުކުރެވޭ ދެ މީހަކު ތިބި ކަމަށާއި އެއް މަސް ދުވަހަށް އެ ދެ މީހުން ސަސްޕެންޑްކޮށް ފުލުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކޮމްޕިއުޓަރުތަކަށް ސޮފްޓްވެއާއެއް އަޅައިގެން ޖާސޫސްކުރާކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ސަސްޕެންޑު ކުރީ އެ ކޮމިޝަންގެ އައިޓީ ޑިޕާޓްމަންޓު ހެޑް އަދި ކޮންސަލްޓެންޓެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބެލޭނެ ފަދަ ސޮފްޓްވެއާއެއް އުފައްދާފައިވާ މައްސަލަ މި މަހުގެ 21 ވަނަ ދުވަހު ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ނާސިހުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނާ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ނާސިހުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުނުވާ ކަމަށެވެ. އެހެންވެ އޭނާ މަގާމުން ވަކި ނުކުރަން ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ