ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ހުރީ ހަލާކުކޮށްލައިފަ އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ، 2-02-13، ނައުޝާދު މޫސާ (30އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.



