ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން މަޖުބޫރު ނުކުރާން ނިންމައި، އިތުރު އިހުތިޔާރު ދީފި

އެމްއެމްއޭ
އެމްއެމްއޭ

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން މަޖުބޫރުނުކޮށް، ޑޮލަރު މާރުކުރަން އިތުރު ގޮތެއް އިހުތިޔާރު ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ބިލުގައި ހިމަނައިފި އެވެ.

މިދިޔަ އޮކްޓޯބަރުގައި އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ނަމަ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން މަޖުބޫރުވާނެ އެވެ. އެކަމާ ދެކޮޅުކަން ރާއްޖޭގައި ހިންގާ 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ ހާމަކޮށްފަ އެވެ.

ބޭރު ފައިސާއާބެހޭ ބިލެއް އެމްއެމްއޭ އިން އެކުލަވާލީ އެ ގަވައިދަށް ގާނޫނީ ބާރު ދިނުމުގެ ގޮތުންނެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ އިނގުރައިދީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ. އެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރަން ހިމަނާފައިވެ އެވެ. އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރުމެވެ.

އޭގެ އިތުރުން ”ކެޓެގަރީ ބީ“ ގައި ޓޫރިސްޓު އުޅަނދުތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް ވެސް ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދީފައިވެ އެވެ. އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.