އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި ކުރުން ޕެރޯލް ބޯޑުން އަނބުރާ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އަބުޗާ ހައްޔަރުކުރީ، އޭނާ އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑުރަގް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޫބަރު 2020 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރީ އޮކްޓޯބަރު، 2020ގަ އެވެ. ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އަބުޗާ ޖަލުން ދޫކޮށްލި މައްސަލަ ހިނގާފައިވާ ގޮތް ބެލިއިރު، ޕެރޯލް ބޯޑުގެ ނިންމުމުގައި ގާނޫނުގެ ތެރެއިން ބަލަންޖެހޭ ބައެއް ކަންކަން ބެލިފައި އޮތީ ރަނގަޅަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގެ ނިންމުން އަލުން ބަލައި ދިނުމަށް ޕެރޯލް ބޯޑަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
”މިގޮތުން ކޮމިޝަނަރު އޮފް ޕްރިޒަނެންސްގެ އެދުލެއްވުމާ އެކުގައި ޕެރޯލް ބޯޑުން އެ ޑިސިޝަން ވަނީ އަލުން ބަދަލުކޮށްފައި. ޕެރޯލް ގާނޫނުގައި ބުނާ ގޮތުން ވެއްޖެއްޔާ ޕެރޯލަށް މީހަކު ދޫކުރުން ވެސް އަދި އެ ޑިސިޝަން ރިވިއުކުރުމަކީ ވެސް އެއީ ޕެރޯލް ބޯޑަށް ކުރެވޭ ކަމެއް. އެހެންވީމާ، ޕެރޯލް ބޯޑުން އެ ނިންމުން ބަދަލުކޮށްފައި މިއަދުގެ ހަވީރު 4:48 ގައި އަބްދުﷲ އިބްރާހީމް ޖަލުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި އަނބުރާ ޖަލަށް ގެނައުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި،“ އިހުސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕެރޯލް ބޯޑުގެ އެ ނިންމުމަކީ މުޖުތަމައުއާއި ސަރުކާރުގެ ސިޔާސަތާ ވެސް އެއްގޮތްވާ ކަމަކަށް ނުވާތީ، ޕެރޯލް ބޯޑުގެ އެ ނިންމުން ނިންމެވި ހަ ބޭފުޅުން އެ ބޯޑުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ. އަދި ޕެރޯލްގެ ގާނޫނަކީ 2013 ވަނަ އަހަރު ހެދި ގާނޫނަކަށްވެފައި، އޭގެ ފަހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުތަކަށާއި އަދި އެހެން ބޮޑެތި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީވެ، ޕެރޯލް ގާނޫނަށްވެސް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.


