ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި ”ރީއެޖެންޓްސް“ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފުގެ މައްޗަށް މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފައިނުވާ ކަމަށް އޭސީސީން ބުނެފި އެވެ.
ޕީޖީ އޮފީހުން ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދީފައިވަނީ އެ މައްސަލަ އަނބުރާ މިދިޔަ އޮގަސްޓް މަހުގެ ތެރެއިގައި އޭސީސީއަށް ފޮނުވާލާފައިވާ ކަމަށެވެ.
ނަމަވެސް އޭސީސީން މިއަދު ބުނީ ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލައިފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ކަންކަން އިސްލާހުކުރަން އަންގާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން އެންގި ގޮތަށް އެ ކަންކަން އިސްލާހު ކުރަމުންދާ ކަމަށް އޭސީސީން ބުންޏެވެ.
ލަތީފަކީ ކޮވިޑުގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާގެ އިތުރުން މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކޮވިޑާ ގުޅިގެން އޭރު ޓެކްނިކަލް ގޮތުން އެޅި ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ.
”އަދި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ.އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ.އަލީ އަބްދުﷲ ލަތީފް އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވަނީ ފޮނުވާފައެވެ.“ އޭސީސީން މީގެ ކުރިން ބުނެފައިވެ އެވެ.
އަދި ޑރ. އަލީ އަބްދުﷲ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްގީގުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ ފޮނުވާފައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.




ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ޕީޖީގެ ލަފައެއްނެތި ނައްތާނުލުމަށް އަންގައިފި
ޖިނާއީ މައްސަލައެއްގައި ދައުވާނުކުރާ ނަމަ، އެއްއަހަރު ތެރޭ ލިޔެކިޔުންތައް ނައްތާލެވޭ ގޮތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަނީ