ދެމަފިރިއެއްގެ ދެމެދު ކުރި ޒުވާބެއްގެ ތެރެއިން ހަ މަހުގެ ދަރިފުޅު ކުޑަދޮރުން ބޭރަށް އެއްލާލައިފި

ޗައިނާގައި ދެމަފިރިއެއްގެ ދެމެދު ކުރި ޒުވާބެއްގެ ތެރެއިން އެ މީހުންގެ ހަ މަހުގެ ދަރިފުޅު ކުޑަދޮރުން ބޭރަށް އެއްލާލުމުން މަރުވެއްޖެ އެވެ.

ސައުތް ޗައިނާ މޯނިން ޕޯސްޓުގައި ބުނެފައިވާ ގޮތުން، އެ ޒުވާބުގެ ތެރެއިން ތުއްތު ދަރިފުޅު، ހަވަނަ ފަންގިފިލާގެ ކުޑަދޮރުން ބޭރަށް އެއްލާލީ ފިރިހެން މީހާ އެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން، އެ ދެމަފިރިންގެ ދެމެދު ޒުވާބު ފެށުނީ ދަރިފުޅު ރޮމުންދިޔަ އިރުވެސް އޭނާ ހުއްޓުވަން ފިރިހެން މީހާ މަސައްކަތް ނުކޮށް ސޯފާ މަތީގައި އޮށޯވެ އޮތުމުން އެކަމައި އަންހެން މީހާ އައި ރުޅީގަ އެވެ. އޭރު އަންހެން މީހާ ހުރީ ގޭގެ މަސައްކަތްތަކެއް ކުރުމަށް ކަމަށްވެސް ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފިރިހެން މީހާ ވަނީ އޭނާއަށް ދަރިފުޅު ރުއިން ހުއްޓުވަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. ނަމަވެސް ދަރިފުޅު ކުޑަދޮރުން ބޭރަށް އެއްލާލެވުނީ އޮޅިގެން ކަމަށާއި އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައާއި ވަރަށް ބޮޑަށް ޖަޒުބާތީ ހާލަތެއްގައި ކަމަށްވެސް ބުންޏެވެ.

ފިރިހެން މީހާ ބުނި ގޮތުގައި ދަރިފުޅު ކުޑަދޮރުން ބޭރަށް ވެއްޓުނީ އޭނާގެ އަތް ކައްސާލުމުގެ ސަބަބުންނެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މެރިކަމުގެ ކުށުގައި ފިރިހެން މީހާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.