ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
ފަޒުލް އިސްތިއުފާ ދެއްވާފައި މިވަނީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައަކާއި ސަރުކާރުގެ ވެރިންތަކަކަށް ގޯތިތަކެއް ވިއްކާފައިވާ މައްސަލައެއް ފަޅާ އަރައި، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން އެކަމުގެ ތަހުގީގު ހިންގަމުން ދަނިކޮށެވެ.
ފަޒުލް މިއަދު ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފަ އެވެ. އަދި އެ ސިޓީ ފަޒުލް ވަނީ އޭނާގެ އެކްސް އެކައުންޓުގައިވެސް ހިއްސާކޮށްފަ އެވެ.
އެ ސިޓީގައި ފަޒުލް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރި މުއްދަތުގައި އޭނާމެދު އެކި ގޮތްގޮތުން ކޮށްފައިވާ އަދި ކުރަމުންދާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ.
އަދި އޭނާ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ ހުރިހާ މުއާމަލާތުތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީޣެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ފަޒުލް ވިދާޅުވި، ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީއަށް އަމާޒުވެފައިވާ ތުހުމަތުތަަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
”ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާޢި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެސިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަޅުގަނޑު އެދެނީ މަނިކުފާނަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށެވެ،“ ފަޒުލްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެ އެވެ.




ގުޅުންހުރި
ހުޅުމާލޭ ޖަލުގެ އިތުރު ގައިދީއަކު މަރުވެއްޖެ
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ވެމްކޯ މުވައްޒަފުގެ މަރު: އެކްސްކަވޭޓަރު އޮޕަރޭޓް ކުރި މީހާއަށް ކުރަނީ ގަސްދަކާ
ފައިސަލް, ސަރުކާރަށް: ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި, ތަޖުރިބާކާރުންގެ ލަފާ އަޑުއަހާ!