މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލައި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ހައުސިންއާ ގުޅުންހުރި ކަންތައްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް، ރައީސް މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ރައީސް މިއަދު ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފަ އެވެ.
އެ ބަދަލުތަކުގެ ދަށުން ރައީސް މިއަދު ވަނީ ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރައްވައި އެ ވުޒާރާގެ ވަޒީރަކަށް ޑރ. އަބްދުﷲ މުއްތަލިބު ހަމަޖައްސަވައިފަ އެވެ.
އަދި ވަނީ ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ޑރ. އަލީ ހައިދަރު، ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފަ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެޔާ މިނިސްޓަރުކަމަށް އައްޔަންކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެއްކޮށްލެއްވުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކުރައްވައި އެ މިނިސްޓްރީއަށް މޫސާ ޒަމީރު ހަމަޖައްސަވައިފަ އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.
އެ ފަހަރު ގެންނެވި ބަދަލަކީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވުމާއި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވުމެވެ. އަދި ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ޒަމީރު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުންނެވެ.

18 Comments
ގުޅުންހުރި
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ
ޔޫކޭއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކުރީ 153،000 ރުފިޔާ
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!