އަގީދާ ވަރުގަދަ މީހަކު ވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކާ މެދު މާޔޫސް ނުވުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު ހުކުރު ހުތުބާގައި ބުނީ މާޔޫސްކަމުން އަރައިގަތުމަށާއި އެފަފަ ހާލަތްތަކުން ސަލާމަތްވުމަށް އަގީދާގައި ސާބިތުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އިންސާނާގެ ހަޔާތަކީ ހިތްދަތި ކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއް ކަމަށާއި އެކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ވާނީ އަޒުމާއި ހިތްވަރާ އެކުގައި ކަމަށް ހުތުބާގައި ބުންޏެވެ.
މާޔޫސްވުމުގެ ތެރެއަށް މީހާ ވެއްޓިގެންދަނީ އަގީދާ ބަލިކަށިކަށިވުމުގެ ސަބަބުން ނޫން ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ. އަދި އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަމެއް ވެސް ނޫން ކަމަށެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުންމީދު ބައެއް މީހުން ކަނޑާލާ ކަމަށާއި ނަމަވެސް އެއީ ކަންކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲ ގެ އިރާދަފުޅުގައި ކަނޑައަޅުއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ބައެއް މީހުންގެ މަސައްކަތަކަށްވެފައި އޮންނަނީ، އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ކީރިތި ގުރްއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވާ ކަމަށެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ހަޒުރަތަށް ރުޖޫއަވެ ތައުބާވުން ނުވަތަ ގަޟާގަދަރާ ގުޅުންހުރި ކަމެއް ކަމުގައި ވިނަމަވެސް ކަމަށެވެ. ކަންކަމުގައި ﷲ އާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި الله ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެ އެވެ. ތިޔަބައިމީހުންނަކަށް ނޭނގެ އެވެ.“ ހުތުބާގައި ބުންޏެވެ.
މުއުމިނުންނަކީ އެންމެ ބޮޑެތި މުސީބާތުގެ ވަގުތުތަކުގައި ވެސް، ﷲ ގެ ރަހްމަތާއި ލުޔަށް އުންމީދުކުރާ، އެމީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއް ކަމުގައި ހުކުރު ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
2026 އަށް މަޖިލީހަށް ބަޖެޓް ކަނޑައެޅުމުގެ ބައްދަލުވުން ސިއްރުކޮށްފި