އިންޑިއާ އައުޓް ހަރަކާތުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް: ހަލީލް

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި ތިބިއިރު އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށާއި އެ ހަރާކަތް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވިއޯން ނޫހަށް ހަލީލު މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ  ރާއްޖެއާއި އިންޑިއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން މި ސަރުކާރުން ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

”ކުރިއަށް ދާއިރު މާކުރިން ހިނގާފައި ހުރި ކަންތަކާ އެކު ދާކަށް ބޭނުމެއް ނޫން. މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް [އިންޑިއާ އައުޓް] މޫމަންޓު ލީޑް ކުރެއްވީ. އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން. ހުންނެވީ ސަރުކާރާ ދެކޮޅަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި،“ ހަލީލް ވިދާޅުވި އެވެ.

”އަޅުގަނޑު ގަބޫލުކުރާ ހިތްއޮތީ، މިހާރު ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާއިރު، ދެ ގައުމުގެ ގުޅުން ހީނަރުވާކަހަލަ ކަންތައްތަކަށް، ވާހަކަތަކަށް ޖާގައެއް ނޯންނާނެކަމަށް. އަޅުގަނޑަށް އެނގޭ މި ގުޅުން ގޯސް ކުރަން ބަޔަކު މަސައްކަތް ކުރާކަން ވެސް. އެގޮތުން މިފަހުން ވޮޝިންޓަން ޕޯސްޓުގައި ލިޔެފައިވާ ލިޔުމަކީ ވެސް އޭގެ ހެއްކެއް،“ ހަލީލު ވިދާޅުވި އެވެ.

އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީގައި ރާއްޖޭގެ ވެރިކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައްޓާލަން އުޅުނު ކަމަށް ބުނެ ވޮޝިންޓަންޕޯސްޓުން ޝާއިއުކުރި ރިޕޯޓުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ހަލީލު ވަނީ ވިއޯންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފަ އެވެ.