ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.
މި މަހުގެ 13 އިން 16 އަށް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ތާރީހީ ދަތުރުފުޅެކެވެ. އެގޮތުން މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އެއް ގައުމުން އަނެއް ގައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތައުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި އެ ގައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ރައީސް ބައްދަލުކުރައްވަން ނިންމަވާފައިވަނީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު، ކްލައިމެޓް މިނިސްޓަރު، ހެލްތު މިނިސްޓަރު، ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓަރު އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާރްޓޫއަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެ ޒިޔާރަތުގައި ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވާސިޓީތަކާއި ސައިންޓިފިކް މުވައްސަސާތަކުގެ ތެރެއިން އެންމެ މަތީ ގިންތީގައި ހިމެނޭ ޔުނިވާސިޓީ އޮފް ޓާރްޓޫއަށް ރައީސް ޒިޔާރަތް ކުރައްވާނެ އެވެ.
އެ ޒިޔާރަތުގައި އެ ޔުނިވާސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެ ކަމަށާއި އަދި ދަތުރުފުޅުގައި އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ހަރަކާތްތަކުގެ ތެރެއިން، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

1 Comment
ގުޅުންހުރި
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް
ފުލުހުންގެ ބަޔާން: އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ
ކްރިސްޓިއަނުންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރެންސިސް މަރުވެއްޖެ
ސަރުކާރުގެ މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ