ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އެ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ކޮޅިގަނޑުގެ ސަބަބުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.



