ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ވަގު ފޯމު ހުށަހެޅި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.
އެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ވައްދައިފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 12 މެންބަރުންގެ ސޮޔާއެކުގަ އެވެ.
އެމްޑީޕީން ހުށަހެޅި އެ މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ ”ބެސްޓިނެޓް“ ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ވަނީ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ހިމަނައިފަ އެވެ.
އެމްޑީޕީން އިހުސާން ވަކިކުރަން ބޭނުންވާ މައިގަނޑު ސަބަބުތައް ގުޅެނީ ޕީއެންސީއަށް މެންބަރުން އިތުރުކުރަން އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތާ އެވެ. މި ހަރަކާތުގެ ތެރެއިން އެތައް ބައެއް ޒާތީ މައުލޫމާތު ނަގައިގެން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ހުރި ދިވެހި ރައްޔިތުންގެ މައުލޫމާތު ބޭނުންކޮށްގެން ޑީއެންއާރް ތެރެއިގައި ޕީއެންސީއަށް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން އިހުސާން ވެސް ފެންނަންހުރެ އެވެ. އަދި ޑީއެންއާރްގެ ހިންގެވުމާ ހަވާލުވެހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެ ފޮޓޯތަކުން ފެނެ އެވެ.
އެކަމާ ގުޅިގެން އިހުސާން ވިދާޅުވެފައިވަނީ އެ ފޮޓޯތަކަކީ ހޯމްލޭންޑް މިނިސްޓްރީގެ ތެރެއިގައި ނަގައިފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިހުސާން ވިދާޅުވެފައިވަނީ އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ގަޑިއަކު އެތަނަށް ދިޔަ ކަމަށާއި އެއީ ރަސްމީ ގަޑިއެއް ވެސް ނޫން ކަމަށެވެ.




ގުޅުންހުރި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން