އާންމު ސަރަހައްދުތަކަށް އެއްވެ ބިދޭސީން މާރާމާރީ ހިންގައި ހަމަނުޖެހުން ހިންގަމުންދާތީ އެފަދަ ސަރަހައްދުތަކުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފޯރިމަރަން ފަށައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެފަދަ ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، މޮނިޓަރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ދެނެގަނެވިއްޖެނަމަ، ޓާސްކް ފޯހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އިރު، މި މަހުގެ 17 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. އެ ދެ މާރާމާރީއާ ގުޅިގެން އިންޑިއާގެ ހަތަރު މީހަކު ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.



