ރާއްޖެ ޓީވީން ސަރުކާރާ ދެކޮޅަށް ގެނެސްދިން ލަވައެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެ ޓީވީން ގެނެސްދިން ލަވައެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށް އެ ޓީވީން ބުނެފި އެވެ.

”ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ“ގެ ނަމުގައި ރާއްޖެ ޓީވީން އެ ލަވަ ތައްޔާރުކުރީ އިދިކޮޅު އެމްޑީޕީން ގެނެސްދިން ’ފުދިއްޖެ، ފުނޑިއްޖެ‘ ހިނގާލުމަށް ގެނެސްދިން ހާއްސަ ކަވަރޭޖަށެވެ.

ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް އިއްޔެ ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެ ލަވައިގެ ކޮންޓެންޓް ބަލައި، އެ މައްސަލަ އެ ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް އަންގާފައިވެ އެވެ.

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމް އިން ވަނީ 26 ޖެނުއަރީގައި ވެސް ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވައިފަ އެވެ.