ކައްކާ އާއި ހެލްޕަރާ ދެމެދު ހިންގި މާރާމާރީ: ދެ މީހުންވެސް ލެއިން ފޯވެފައި، ހެލްޕަރުގެ ހާލު ސީރިއަސް!

މާލޭގެ ކެފޭއެއްގެ ތެރޭގައި މިއަދު ހިންގި މާރާމާރީއަކީ އެތަނުގެ ކައްކާ އާއި ހެލްޕަރާ ދެމެދު ހިންގި މާރާމާރީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގާފައިވަނީ މިއަދު މެންދުރު 12:10 އެހާކަންހާއިރެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ އެ ކެފޭ ބަދިގެ ތެރޭގައި އެތަނުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލް މީހަކާއި ހެލްޕަރަކަށް މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކާ ދެމެދު އެވެ.

މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި މި ނޫހުގެ ނޫސްވެރިޔާ ބުނި ގޮތުގައި އެ ދެ މީހުން ކެފޭ ތެރެއިން ނެރިގެން ގެންދިޔައިރު ތިބީ ލެއިން ފޯވެފަ އެވެ. އަދި އެކަކު ނެރިގެން ގެންދިޔައީ ސްޓްރެޗަރެއްގައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ދެންމެ ބުނީ އެ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ހެލްޕަރަކަށް މަސައްކަތްކުރާ ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.