ދެމައިންގެ މަރު: އެއާ އެމްބިއުލާންސްގައި އޮކްސިޖަންއެއް ނެތް، ވެންޓިލޭޓަރު ހަލާކުވެފައި!

ގއ. ވިލިނގިލީގައި ވިހާފައި ދަރިފުޅާއި މަންމަ މަރުވި މައްސަލައިގައި އެ ދެމައިން އިތުރު ފަރުވާއަށް މާލެ ގެންނަން މާލެއިން ފޮނުވި އެއާ އެމްބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއްވެސް އޭގައި ނެތް ކަމަށް އަންހެން މީހާގެ ފިރިމީހާ ބުނެފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައިވަނީ ގއ. ވިލިނގިލި/ ޒަމާނީވިލާ، ފާތިމަތު ޝިއުނާ، 37 އާއި އޭނާއަށް ލިބުނު ތިންވަނަ ދަރިފުޅެވެ. ޝިއުނާ މަރުވީ ކޫއްޑޫ އެއާޕޯޓް ރަންވޭ މައްޗަށެވެ. އޭނާގެ ދަރިފުޅު މަރުވީ މާލެ ގެނައި ފަހުންނެވެ.

ޝިއުނާގެ ފިރިމީހާ، ޝިފާޒު ޒާހިރު ބުނި ގޮތުގައި ޝިނުއާ ބަލައި ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއްވެސް ނެތް ކަމަށެވެ.

އެހެންވެ އެއާ އެންބިއުލާންސްގައި ސިއްހީ އާލާތްތައް ނެތިގެން، ބަލި މީހާއަށް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގެނެސްފައި ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އެ ސާމާނުތައް ކޫއްޑޫއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ވިލިގިއްޔާއި ކޫއްޑޫއާ ދެމެދު ލޯންޗު ދަތުރުތަކެއް ވެސް ކުރަންޖެހުނެވެ.

ޝިފާޒު ބުނި ގޮތުގައި ޝިއުނާ މާލެ ގެންނަން ކޫއްޑޫ ރަންވޭއަށް އެރުވީ ރޭ 11:40 ހާއިރެވެ. ނަމަވެސް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގެންނަންދެން ފްލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް، މަރުވީ މެންދަމު 1:30 ގައި ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން ކޫއްޑޫއަށް އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރީ އޮންނަ ޕްރޮޓޮކޯލްގެ ދަށުން ބޭނުންވާ އާލާތްތަކާއެކު ކަމަށެވެ. އަދި ދެމައިން ގެނައުމުގެ ކަންކަން ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސަސްގެ އެންގުމާ އެއްގޮތަށް ކަމަށްވެސް ބުންޏެވެ.