ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ދެ ވެރިން ކަމަށްވާ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު އާއި ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ) އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
އެ ދެ މީހުން މަގާމުން ވަކިކުރިކަން ’ހަފްތާ‘ އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އެޗްޑީސީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިދު މަގާމުން ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތުގައި އެކަށީގެންވާ މަސައްކަތެއް އޭނާއަށް ނުކުރެވުމުން އިތުރަށް މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ އެވެ. ޔާމީން ވަކިކުރި ސަބަބެއް އަދި ސާފެއް ނޫނެވެ.
ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން ވަކިކުރި ނަމަވެސް ވަކި ހިސާބަކުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރި އެވެ. އެކަމަކު، މައްސަލަތައް ބަލައި ނިމެންދެން ތިބީ ސަސްޕެންޑްކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާއެރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހު އެވެ.
އެކަން ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށް ޕާސްޕޯޓް ހިފެހެއްޓުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުން މި މައްސަލައިގައި ފަޒުލްއަށް ކުރަނީ ފޯޖަރީގެ ތުހުމަތެވެ.
ނަމަވެސް އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީފި، ކުންފުނީގެ ރަޖިސްޓްރީ ބާތިލް!
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ، ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް
ކުޑަކުދިންތަކެއް މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި
އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި ޓޫރިސްޓެއްގެ ފޯނުން ކަނޑުވި ހާދިސާގެ ވީޑިއޯތަކެއް