ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން، ކޯސް ފީ ދައްކަނީ އަމިއްލައަށް: ފަލާހު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނީ ދާއިރާއިން މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް ހިންގައިދެނީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ނެގުމަކަށް ކަމަށާއި އެ ކޯހުގެ ފީ ދައްކާނީ މެންބަރުން އަމިއްލައަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އައިޔޫއެމްއާއި މަޖިލިސް އިދާރާއާ ދެމެދު ހޯމަ ދުވަހު ވަނީ މަޖިލިހުގެ މެމްބަރުންނަށް ޝަރީއާ އެންޑް ލޯގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ހިންގުމަށް އެއްބަސްވުމެއް ސޮއިކޮށްފަ އެވެ. މަޖިލިސް މެންބަރުން ގާނޫނީ ދާއިރާއިން މެންބަރު ކަމުގައި ތިއްބަވައިގެން މަތީ ތައުލީމު ހާސިލުކުރާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ ކޯހަށް އެ މެންބަރުން ހަރަދުކުރަން ނުޖެހޭ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފަ އެވެ.

އެ ފާޑު ކިޔުންތަކައް ރައްދު ދެއްވައި ފަލާހު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް މަޖިލިސް މެންބަރުން ދެކެ ރައްޔިތުން ރުޅި އަރުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

”މާތްކަލޯކޯ މަޖިލީހުން ހަރަދުކޮށްގެން ހިންގާ ކޯހެއްނޫން މި ކޯހަށް ހިނގާ ހަރަދު އެ ބައިވެރިއަކު އަމިއްލައަށް ކުރަނީ“ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެފަދަ ޕްރޮގްރާމެއް މެންބަރުންނަށް ހިންގައިދެނީ ގާނޫނީ ދާއިރާ ދެނެގަންނަން އެ ބޭފުޅުން ބޭނުންވާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އައިޔޫއެމްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ޕީއެންސީ ޕީޖީ ގްރޫޕުގެ އަށް މެންބަރެއް އެޑްވާސް ސެޓްފިކެޓް ހަދާނެ އެވެ. އަދި 18 މެންބަރަކު ހަދާނީ ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ އެވެ.