އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް ކުރަނީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިއަންނަ އެޕްރީލް މަހުގެ ކުރިން ބަޔާ މެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ މޭމަހުން ފެށިގެން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު އެއްކުރަން އޮޕަރޭޝަން ”ކުރަނގި“ ފަށައިފަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފައިވެ އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ބަޔާމެޓްރިކްސް އަޕްޑޭޓުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަސް ކަމަށެވެ.

އެ މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑުން ބުންޏެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެވެ. ސަރުކާރުން ވަނީ މިހާތަނަށް މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިފަ އެވެ.