މިފްކޯގެ އާ ސީއީއޯއަކަށް މިދިޔަ ޑިސެމްބަރު މަހު އައްޔަން ކުރި ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް، ތިން މަސް ނުވަނީސް އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިޓާލީ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ވަކިކުރި ދުވަހެއް އަދި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަންކޮށް ވަކިކޮށް ހަދަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުންނެވެ.
ވިޓާލީ، މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރިކަން އެ ކުންފުނިން އިއުލާން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އޭނާއަކީ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި ރާއްޖެއިން ބޭރު ފުރަތަމަ ބޭފުޅާ އެވެ.
ވިޓާލީއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް އަދި އިކޮނޮމިކްސް ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ވިޓާލީއަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން ތަޖުރިބާކާރު ވަކީލެކެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ވިޓާލީ މަސައްކަތް ކުރެއްވީ އިންވެސްޓް ކްރޮސް ކެޕިޓަލްގެ ޗީފް ރިސްކް އޮފިސަރެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ޔުކްރެއިންގެ ޔުނިވަސިޓީއެއްގެ ފައިނޭންޝަލް އެންޑް އިކޮނޮމިކް ސެކިއުރިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޕްރޮފެސަރެއްގެ މަގާމާއި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައިފަ އެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭ ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

ގުޅުންހުރި
ގާތްގާތުގައި ދެ ބިލެއް ފޮނުވީ ފުރިހަމައަށް ޑިސްކައުންޓް ދޭން ވެގެން: ފަހުމީ
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރުވީ އިތުރު!
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި
ފެން ހިންދާ ޕަމްޕުތައް ގެނައީ ރައީސް އަންގަވައިގެން: ނަރީޝް