ވޯލްޑް
ކަޕް

ޕޯޗުގަލުން ޖޮޓާގެ ހަނދާނުގައި ޖަޒުބާތީ ޓްރިބިއުޓެއް

މެޗަށްފަހު ރޮނާލްޑޯ، ޖޮޓާގެ ޖާޒީގައި -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ޕޯޗުގަލުން 2-1 އިން ކްރޮއޭޝިއާ ބަލިކުރި މެޗަށް ފަހު ކުރީގެ ޓީމު މެންބަރު ޑިއޯގޯ ޖޮޓާގެ ހަނދާނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލް ޓީމުން ޖަޒުބާތީ ޓްރިބިއުޓެއް ދީފިއެވެ.

ރޮނާލްޑޯ ވަނީ މެޗު ނިމުމާއެކު ޖޮޓާގެ 21 ނަންބަރު ޖާޒީ ލައި ލޮލުން ކަރުނަ އައިސްފައި ހުރެ ޖޮޓާގެ ހަނދާން އާކޮށްފައެވެ. ޖޮޓާ އާއި އޭނާގެ ބޭބެ އަންދްރޭ ސިލްވާ ސްޕެއިނުގައި ކާރު އެކްސިޑެންޓެއްގައި މަރުވިތާ މިއަދަށް ސީދާ އެއް އަހަރު ފުރޭނެއެވެ. ޖޮޓާ ޕޯޗުގަލް ގައުމީ ޓީމަށް 49 މެޗު ކުޅެ 14 ގޯލު ޖެހިއެވެ.

ކްރޮއޭޝިއާގެ އިވާން ޕެރިސިޗްގެ ގޯލަށްފަހު، ރޮނާލްޑޯ ވަނީ 68 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ވޯލްޑް ކަޕް ނޮކްއައުޓް ސްޓޭޖުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ. އެ ގޯލާއެކު، އުމުރުން 41 އަހަރާއި 147 ދުވަހުގައި ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑު ވެސް ރޮނާލްޑޯ ހެދިއެވެ. އެއަށްފަހު ގޯންސާލޯ ރާމޯސް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ގޯލު ޖަހައި ޕޯޗުގަލަށް މެޗު ކާމިޔާބުކޮށްދީފިއެވެ.

މެޗު ނިމުނީ މައްސަލަ ބޮޑު ގޮތަކަށެވެ. ކްރޮއޭޝިއާގެ ޖޮސްކޯ ގުވާޑިއޯލް ގޯލެއް ޖެހި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އެހެންކަމުން އެ ގޯލު ވަނީ ބާތިލުކޮށްފައެވެ.

”މެޗުގެ ކުރިން ވެސް އަހަރެމެންނަށް އެނގޭ އެއީ ވަރަށް ހާއްސަ ވަގުތެއް. މިއަދުގެ ހާލަތު އަހަރެމެންނަށް ވަރަށް ބޮޑު މާނައެއް ދޭ ހަމައެކަނި މެޗު ކާމިޔާބުކުރީމައެއް ނޫން، ކާމިޔާބުވީ ގޮތުން ވެސް،“ ޖޮޓާގެ ހަނދާނުގައި މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.

މެޗުގައި ޕޯޗުގަލްގެ ފަހު ގޯލު ކާމިޔާބުކޮށްދިން ރާމޯސް ބުނީ ”ކޯންމެ ދުވަހަކީ ވެސް ހާއްސަ ދުވަހެއް ކަމަށާއި ކޮންމެ ދަވަހަކު ވެސް ޖޮޓާގެ ވާހަކަ ދެކެވޭނެ ކަމަށެވެ. އަދި ޖޮޓާގެ ފަރާތުން ޓީމަށް ހިތްވަރު ލިބޭކަން ވެސް އޭނާ ފާހަގަކުރިއެވެ.

ޕޯޗުގަލް ދެން ކުޅޭނީ ގަދަ 16 ގެ މެޗުގައި ސްޕެއިނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގައެވެ.