އޭޕްރިލް 2, 2025

ހުޅުމާލޭގައި ތަރައްގީކުރި ސްޓެލްކޯގެ އެނެކެސް 2 އިންޖީނުގެ ހުޅުވައިފި

ސްޓެލްކޯއިން ހުޅުމާލޭގައި ތަރައްގީކުރި އެ ކުންފުނީގެ އެނެކްސް 2 އިންޖީނުގެ ހޮނިހިރު ދުވަހުގެ ރޭ ހުޅުވައިފި އެވެ.

ސްޓެލްކޯގެ އެ އިންޖީނުގެއަކީ މިއަހަރުގެ ޕީކް ހޭންޑްލިންއަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި އިންޖީނުގެއެކެވެ.

އެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ އެވެ. އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު މުޒްނާ އެވެ. މީގެ އިތުރުން އެ އިންޖީނުގޭގައި އިންސްޓޯލްކޮށްފައިވާ ޖަނަރޭޓަރެއް ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފަ އެވެ.

އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވެފައިވަނީ އަލަށް ހުޅުވި އެ އިންޖީނުގެއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. ފަހުމީ ވިދާޅުވީ އެ އިންޖީނުގެ ތަރައްގީކުރުމުގެ ގޮތުން 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް، 200 އެއްހާ ޓަނުގެ ކުނި ނަގައި، ބިން އެއްވަރުކޮށް، ފިއުލް ލައިން އަޅައި، ކޭބަލްތައް ގްރިޑާ ގުޅާލުމުގެ މަސައްކަތަށް ނުވަވަރަކަށް ދުވަސް ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ ނިންމާލައިފައި ކަމަށެވެ.

ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިންޖީނުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. ރައީސް ވަނީ އިންޖީނުގޭގެ މަސައްކަތައް ދިމާވެދާނެ ހުރަސްތައް ނައްތާލުމަށް ލަފަޔާއި އިރުޝާދު ދެއްވައިފައި ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ރައީސް ވަނީ ރޯދަ މަހުގައި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައިކަން ފާހަގަކުރައްވައިފައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒް ވިދާޅުވީ، ރޯދަ މަހު އެ މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ދައްކާފައިވަނީ އާދަޔާ ހިލާފު ހިތްވަރެއް ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުންގެ އެ މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ އިންޖީނުގެ އެނެކްސް 2 ގައި 1.6 މެގަވޮޓުގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު އެ އިންޖީނުގޭގައި ވަނީ ހަތް ޖަނަރޭޓަރު ސެޓް ކޮމިޝަން ކޮށްފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އިތުރު ފަސް ޖަނަރޭޓަރު ސެޓް ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެއާއެކު އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ އިންޖީނުގެ ހުޅުވުމުން ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ފަހުމީ ވިދާޅުވީ މި އަހަރުގެ ރޯދަމަހު ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާ ގުޅިގެން ޕީކް ނުފެށުނު ނަމަވެސް، ރޯދަމަސް ނިމި ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސްޓެލްކޯއިން އަބަދު ވެސް ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރުވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެފަދަ ޙާލަތެއްގައި ވެސް ވީއެންމެ އަވަހަކަށް އަލުން ހިދުމަތް ދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.