ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފި އެވެ.
ޝަމްއާނަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު އިއްޔެގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަމްއާން މަގާމުން ވަކިކުރައްވައިފަ އެވެ.
އަދި ރޭގެ ވަގުތެއްގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށެވެ. އެ ތަހުގީގުގެ ތެރެއިން ރޭ ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކުރި ކަމަށްވެސް ބުންޏެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އާދަކުރަމުންދާ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
”އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއެކު ގެންގޮސްފައިވެ އެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާ އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރުކުރި ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 21 މާޗު 2025 ގައި، ޝަމްއާން ދިރިއުޅޭ އިމާރާތައް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި
ޒާހިރު، ޝަހީމަށް: ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ
ދެ ޓީޗަރަކު ދަރިވަރުން ގައިގައި އަތްލި މައްސަލަތަކެއް، ބިދޭސީ ޓީޗަރަކު ހައްޔަރަށް
ސިނގިރޭޓް ވައްކަން: ފަސްވަނަ މީހާއަށް ކުރަނީ ވައްކަން ކާމިޔާބުކުރަން އެހީވިކަމުގެ ތުހުމަތު
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!
އައްޑޫ ގެއެއްގެ ތެރޭ ދެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޖިނާއީ މައްސަލައެއްގައި ދައުވާނުކުރާ ނަމަ، އެއްއަހަރު ތެރޭ ލިޔެކިޔުންތައް ނައްތާލެވޭ ގޮތް