އެމްޑީޕީއަށް ބާރު ލިބޭ ދުވަހަކުން އިޒްރޭލު ޕާސްޕޯޓް މަނާކުރުން އުވާލާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އެވެ. އޭނާ ބިލު ހުށަހެޅީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުންނަށްވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކުރުމަށެވެ.
އެ ބިލާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިކާއީލް ހުށަހެޅުއްވި ގޮތް ބަދަލުކޮށް، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލާ ގުޅިހެން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރު ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރަން ކުރީގެ ސަރުކާރުން ބޭނުންނުވި ކަމަށެވެ. އެމްޑީޕީގައި އެކަން ކުރުމުގެ ނިޔަތެއް ވެސް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވަން ކެރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
”ހިތާމައަކީ މާދަމާ އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް މި ގައުމަށް އަންނަން ފުރުސަތު ލިބޭނެ. އެ ބޭފުޅުންނަށް މަޖިލީހުގެ ބާރު ލިބިއްޖިއްޔާ މަޖިލިސް މެދުވެރިކޮށް އެ ބޭފުޅުންގެ ސަރުކާރެއް އޮވެއްޖިއްޔާ ސަރުކާރު މެދުވެރިކޮށް އެ ދުވަކީ އިޒްރޭލް ރައްޔިތުންނަށް އަނެއްކާވެސް މި ގައުމުގެ ބީޗުތަކާއި މޫދު ތަންތަނުގައި ފަތަން ފުރުސަތު ލިބޭ ދުވަސް،“ ފަލާހު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއިރު އެ ބިލަށް މަޝްވަރާ ހޯދުމަށް އެމްޑީޕީއަށް ދައުވަތު ދިން ނަމަވެސް އެމްޑީޕީއަށް ބައްދަލުވުމަށް ހާޒިރުނުވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީ އިޒްރޭލު ޕާސްޕޯޓު ކަންކަމުގައި ގެންގުޅުނީ ހެޔޮ ނިޔަތުގައި ކަމަށާއި ނަަމަވެސް އެފަދަ ނިޔަތެއް އެމްޑީޕީގައި ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލަސްތީނު ފަދަ މުސްލިމް އަހުންނާއި އުހުންތުން ތިބި ގައުމަކަށް އިޒްރޭލުން އެފަދަ އަނިޔާތަކެއް ދެމުންދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ނިންމުމުގެ ސަބަބުން ގައުމު ”ބަޑަށް ޖެހުނަސް“ ފަރުވާލެއް ނެތް ކަމަށާއި އެކަން މިއަދު ދައްކައިދީފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
”އެމްޑީޕީން މި ބިލު ހުށަހެޅީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެން މިކަމެއް ނުކުރާނެއޭ، ކޮށްފި ނަމަ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވާނެއޭ، މި ގައުމުގެ ބަޑަށް ޖެހޭނެއޭ، އެެހެންވީމަ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ލިބެނޭއޭ. އެއީ އެމްޑީޕީގެ ނިޔަތް،“ ފަލާހު ވިދާޅުވި އެވެ.

23 Comments
ގުޅުންހުރި
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
މީޑިއާ ބިލު ފާސްކުރަން އުޅެނީ އާދަޔާހިލާފަށް އަވަހަށް، ކަންބޮޑުވޭ: ކުރީގެ ޕީޖީ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު